Thursday, April 2, 2015

ނުކުރާކުށުގެ އަދަބު


މާލޭގެ ހަލަބޮލިކަމުގައި ހައެއްކަ އަހަރު ހޭދަކޮށް، ތަޢުލީމީ ޙަޔާތް ފުރިހަމަ ކުރުމަށްފަހު ޝާނީޒް ރަށާ ދިމާއަށް މިސްރާބުޖެހީ ވަރަށްފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ކާރޫބާރޫ ބޮޑު މާލެއާއި ވަކިވެވޭތީ އުފަލުން ހުރެއެވެ. މަގުމަތީގައި ޕާކުކޮށްފައިވާ ސައިކަލުތަކާއި މަގުގެ ދެކޮޅަށް ބޫންލައްވަމުންދާ ސައިކަލުތަކުން އަރުވަމުންދާ ދުންތަކުން ސަލާމަތްވެވޭތީ ހިތްހަމަޖެހިފައި ހުރެއެވެ. ރެޔާއި ދުވާލުގެ ބުރަމަސައްކަތުން އުނގަންނައިދިނުމުގެ ރޮނގުން ޑިގްރީއެއް ޙާސިލުކުރެވުނީތީ ހިތްހަމަޖެހިފައި ހުރެގެންނެވެ.

މާލޭގެ އުތުރު ބަނދަރުގެ ބޭރު ތޮށިމަތީގައި މީހުންތައް އޮތީ ތޮއްޖެހިފައެވެ. ފުރަން އައިސް ތިބި މީހުންނާއި ފުރުވަން އައިސް ތިބި މީހުންނެވެ. ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ކުޅުދުއްފުށީގެ ބަހާދަރުބޯޓު ފުރަނީއެވެ. މިބޯޓަކީ ތިލަދުންމައްޗަށް ނިސްބަތްވާ ދެއަތޮޅުގެ ގިނަރަށްރަށުގެ މީހުން ދަތުރުކުރާ ބޯޓެކެވެ. ތޮށިގަނޑު މަތީގައި ތިބި މީހުންގެ ޙަރަކާތްތައް އަވަހެވެ. އަޑުގަދަކަމުން އެކަކު ދައްކާވާހަކައެއް އަނެކަކަށް އެނގޭވަރެއް ނުވެއެވެ. އެކަކަށްވުރެ ބާރަށް އަނެކަކަށް ވާހަކަދެއްކޭތޯބަލައެވެ. އެކަކަށްވުރެ ކުރިން އަނެކަކަށް ބޯޓަށް އެރޭތޯއާއި އެމީހެއްގެ ފޮށިތަންމަތި ބޯޓަށް އެރުވޭތޯ އެމީހަކަށް ވެވުނު މަސައްކަތެއް ކުރަމުންދެއެވެ.
ޓެކުސީތަކުގައި ފުރަން އަންނަ މީހުންނަށް ތަނުގައި ބައިހަރުބޯކަމުން ބޯޓާއިމާކައިރިއަށް މަޑުކުރެވޭގޮތެއް ނުވެއެވެ. ޝާނީޒު އައި ޓެކުސީވެސް މަޑުކޮށްލީ އެތަނުގައި ހެދިފައިވާ ޓެކުސީ ކިޔޫގެ ފަހަތުގައެވެ. ޝާނީޒު ޓެކުސީން ފައިބާ ކުލި އަދާކުރުމަށްފަހު އެއްވެފައިވާ މީހުންގެ ތެރެއިން ލޫދެމުންކަހަލަ ގޮތަކަށްގޮސް ބޯޓަށް އަރައިފިއެވެ. އޭރުވެސް އަރާމީހުން އަރަމުން ފައިބާ މީހުން ފައިބަމުން ދެއެވެ. މާގިނަ އިރެއްނުވެ ބޯޓު ފަޅުންނެރުމުގެ މަސައްކަތައިގެން ފަޅުވެރިން ޙަރަކާތްތެރިވާން ފަށައިފިއެވެ. އޭރު ޝާނީޒުވެސް އަރާ އޭނާއަށް ކަނޑައެޅިފައިވާ ޖާގައިގައި ހަމަޖެހިލައިފިއެވެ.  
މާލޭގެ ބަނދަރުން ބޯޓުނެރެ އޭގެ ހަލުއި ދުވެލީގައި ބޯޓު އުތުރަށް ދުއްވަމުންދެއެވެ. ހައަހަރު ދުވަހު ހަމަޖެހުމެއްނެތި ގަނަތެޅުނު މާލެ އޭރުފަސްދީ އޮބަމުންދެއެވެ. މާލެއާއި ދިމާއަށް ބަލައިލުމަށްފަހު ޝާނީޒް ހަށިފުރާ ނޭވާއެއް ލިއެވެ. ހީވަނީ އެތައް އިރެއްގެ ބުރަމަސައްކަތުން އަތްދޫކޮށްލެވުނު ހެންނެވެ.
ރަނގަޅަށް ބޯޓުތެރެއަށް ނަޒަރު ހިންގާލިއިރު ބޯޓުގައި އެއްވެސް ހުސްޖާގައެއް ނެތެވެ. އެމީހެއްގެ ޖާގައިގައި އެމީހަކު ހަމަޖެހިލައިގެން ތިބިއިރު ހީވަނީ ދުމަށްޓެއްގައި މަސްޖަހާފައިހުރިހެންނެވެ. ޝާނީޒު އެކިދިމަދިމާ ރަނގަޅަށް ހޯދާ ބަލައިލީ ރަށުމީހަކު ފެނޭތޯއެވެ. އޭނާގެ ނަސީބު ވަރަށްވެސް ގަދައެވެ. އިތުރުމީހަކު ނެތްނަމަ ރަށަށް ދާންޖެހޭނީ އޭނާ އަމިއްލައަށް އެއްޗެއް ހިފައިގެންނެވެ. މިވީގޮތުން އެކަންތައްވެސް އިތުރަށް ލުއިވީއެވެ. ބޯޓުގެ ކޮޅުފަސްކޮޅުގައި ރަށުގެ ގުރޫޕެއް ތިބިތަން ފެނުނެވެ. އަވަހަށް އެމީހުން ކައިރިއަށްގޮސް ރަށަށްދިއުމުގެ ދަތުރު ރާވާފައިވާގޮތް އޮޅުންފިލުވާލިއެވެ. އަދި އޭނާވެސް އެދަތުރުގައި ބައިވެރިކޮށްދިނުމަށް އެދުނެވެ. އަދި ކުޑައިރުކޮޅަކު ވާހަކަދައްކާލަން އެތަނުގައި ޝާނީޒު މަޑުކުރުމަށްފަހު އައިސް ޖައްސާލިއެވެ. ވެފައިވާ ވަރުބަލިކަމެއްގެ ސަބަބުން މާގިނައިރެއްނުވަނީސް ނިދޭގޮތްވާން ފަށައިފިއެވެ.
ނިދިފައިވާ ޝާނީޒަށް ހޭލެވުނީ ބޯޓުތެރޭގައި މީހުން ހެލިފެލިވާން ފެށުމުންނެވެ. އޭރު ބޯޓު ކުޅުދުއްފުށީ ފަޅަށް ވައްދަނީއެވެ. ފަތިހުގެ ހިތްގައިމު ފިނިރޯޅިތައް އަންނަމުންދެއެވެ. އިރުމަތީފަރާތު އުދަރެސް ރަތުރަންފަތްގަނޑެއްހެން އަލިކުރަމުންދެއެވެ. ބޯޓުން ދަތުރުކުރި ފަސެންޖަރުން ބަލައި އައިސްފައިވާ އޮޑިދޯނިފަހަރާއި ލޯންޗުފަހަރު ވާޓަރުކައިރީގައި ބޯޓުން އަންނަ މީހުންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިއްބެވެ. ޝާނީޒްވެސް އޭނާގެ ސާމާނުކޮޅު އަތުޖައްސާލައިގެން އަވަސްގޮތަކަށް ބޯޓުން ފޭބޭތޯ މަސައްކަތްކުރަމުންދެއެވެ. ރަށުމީހުން ހަމަވުމުން އެންމެން އެކީ ލޯންޗުގައި ރަށަށް ދިޔުމަށް ނައްޓާލިއެވެ. ވިއްސަކަށް މިނެޓުގެ ދަތުރަކަށްފަހު ލޯންޗުއައިސް ވައިކަރަދޫގައި ބަދަރުކޮށްފިއެވެ.
ޝާނީޒު ރަށު އެއްގަމުގައި ފައިޖެހުނުއިރު އޭނާބަލައި ބައްޕައާއި ކޮއްކޮ އައިސް ތިއްބެވެ. ގެނައި ސާމާނުތައް ހިފައިގެން އަވަހަށް ގެއަށްދެވޭތޯ މިސްރާބުޖެހިއެވެ. ގެއަށް ދެވުނުއިރު ހެނދުނުގެ ނާސްތާ ތައްޔާރުކޮށްގެން އެމީހުންގެ އިންތިޒާރުގައި މަންމަ ހުއްޓެވެ. މަންމައާއި ބައްދަލުވުމުން ދެމައިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނިރާލިއެވެ. އަދި ދަރިފުޅުގެ ކާމިޔާބީއަށްޓަކައި މަންމަ ނުހަނު ހޫނު މަރުޙަބާއެއް ކިޔެވެ.
ގޭތެރެއަށް ސާމާނުތައް ވައްދާފައި ތިންބަފައިން ކާގެއަށްވަންއިރު މަންމަ ސައިހަދައިގެން މޭޒުދޮށުގައި ހުއްޓެވެ. އެތައްދުވަހެއްގެ ފަހުން ބައްދަލުވުމުން އެދުވަސްތަކުގައި ދިމާވެފައިހުރި ކަންތައްތަކުގެ ވާހަކަދައްކަމުން ސައިބޮމުން ގެންދެއެވެ. ސައިގެ ކަންތަކުން އަވަދިވެގެން ޝާނީޒު މިސްރާބުޖެހީ ރަށުތެރެ ބަލައިލުމަށެވެ. ދުވަސްވަރަކީ ސުކޫލުގެ ބޮޑުޗުއްޓީގެ ދުވަސްވަރުކަމުން ރަށުތެރެއިން ތަފާތުމޫނުތައް ފެންނަމުންދެއެވެ. ދަންނަ މޫނުތަކާއި ނުދަންނަ މޫނުތަކެވެ. ރައްޓެހިންނާއި ބީރައްޓެހިންނެވެ. ދެކެފަރިތަ މީހުންނާއި ގާތްތިމާގެ މީހުންނެވެ. މިއެންމެންވެސް މާލޭގައި ދިރިއުޅޭ މީހުންނާއި ހާސްބައި ތަފާތެވެ. ކޮންމެމީހަކުވެސް ދައްކަނީ ހިނިތުންވެފައިވާ މޫނުކެވެ. ސަލާމަށް ދިއްކޮށްލަނީ އޯގާތެރިކަމުގެ އަތެކެވެ. އަނގައިން ބުނަނީ އޯގާތެރިކާމާއެކުގައެވެ. ރަށުގެ އެކިތަންތަން ބަލައިލުމަށްފަހު ޝާނީޒު ގެއާދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އޭނާ ގެއަށް ގޮސް އަވަސްވެގަތީ ފެންވަރާށެވެ.
ޝާނީޒު ފެންވަރާ ތައްޔާރުވެލައިގެން ނުކުތީ ސުކޫލު އޮފީސް ހުޅުވަންވާއިރަށް ސުކޫލަށް ދިއުމަށެވެ. އެއީ ޕްރިންސިޕަލްވެސް ރަށުގައި ހުންނެވިދުވަސްކޮޅެކެވެ. އޮފީހަށްގޮސް ޕްރިންސިޕަލާއި ބައްދަލުކޮށް އޭނާގެ ވަޒީފާ ހަމަޖެއްސުމާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. ޕްރިންސިޕަލް އުފަލުން ޝާނީޒަށް މަރުޙަބާ ކިޔެވެ. އަބަދުވެސް ސުކޫލަށް ބޭނުންވަނީ ތަޢުލީމު ޙާސިލުކޮށްގެން އަންނަ ދިވެހި މުދައްރިސުންކަމަށް ބުންޏެވެ. އަދި ޝާނީޒަކީ ކެމިސްޓްރީއިން ޑިގްރީ ނަގާފައިވާ ޓީޗަރެއްކަމުން އެފަދަ ޓީޗަރެއް ދޫކޮށްލެވެން ނޯންނާނެކަމަށްވެސް ބުންޏެވެ. އަދި ދުވަހުން ދުވަހަށް ޝާނީޒުގެ ވަޒީފާގެ ކަންތަކާ އުޅޭނެކަމަށް ބުނުމުން ޝާނީޒު ގެއަށް ދިޔައީ އުފަލުންހުރެއެވެ.
ސުކޫލު ހުޅުވެން ހަފުތާއަކަށްވީއިރު ޝާނީޒުގެ ވަޒީފާ ހަމަޖެހޭނެކަމުގެ މަޢުލޫމާތު އޭނާއަށް ލިބިއްޖެއެވެ. އަދި ސުކޫލަށް ނުކުނަނަށްވީ ތާރީޚުވެސްވަނީ އަންގާފައެވެ. އެހެން ކަމުން ޓީޗަރުން ވަޒީފާއަށް ނުކުތުމަށް ހަމަޖެހިފައިވާ ދުވަހު ސުކޫލަށް ނުކުމެ ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައްވަމުންދިޔައެވެ. އޭނާއާއި ޙަވާލުވެފައިވަނީ ގުރޭޑް 8،9 އަދި 10 ގެ ކެމިސްޓްރީއެވެ. ޝާނީޒުގެ މަޤްސަދަކީ އޭނާ ކިޔަވައިދޭ މާއްދާއިން ހުރިހާ ދަރިވަރުންވެސް ފާސްކުރުމެވެ. މި ޢަޒުމުގައި ފުރަތަމަދުވަހުން ފެށިގެން މަސައްކަތް ކުރަންފެށިއެވެ.
ސުކޫލުގެ ކިޔެވުން ދެދަންފަޅިއަށް އޮންނައިރު ޝާނީޒު މަސައްކަތްކުރަނީ ހެދުނު ދަންފަޅީގައެވެ. މިދަންފަޅީގައި ކިޔަވަން އަންނަނީ ސާނަވީ ކުލާސްތަކުގެ ދަރިވަރުންނެވެ. ހދ.އަތޮޅުމަދަރުސާއަކީ މާ އާބާދީ ބޮޑު ސުކޫލަކަށް ނުވާތީ ކުލާސްތަކުގައި މާކަގިނަ ކުދިންނެއް ނުތިބެއެވެ. ކޮންމެ ގުރޭޑެއްގައި ކޮމާސްކުލާހަކާއި ސައިންސް ކުލާހެއް އޮންނާތީ ކުލާހެއްގައި ތިބެނީ ދިހަވަރަކަށް ނުވަތަ ބާރަވަރަކަށް ކުދިންނެވެ. އެހެންކަމުން މިފަދަ ސުކޫލެއްގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަމަކަށް ޝާނީޒު ޤަބޫލެއް ނުކުރެއެވެ. އެހެންނަމަވެސް ފުރަތަމަ ދުވަހުވެސް ކުލާހަށްވަނުމުން ޝާނީޒަށް ކުރަންޖެހުނީ ތަފާތު ތަޖުރިބާ ތަކެކެވެ. ކިޔެވުމަށް ޝައުޤުވެރިވާ ކުދިން ކުލާހުގައި ތިބިއިރު ނުލާހިކު ފަރުވާކުޑަ ކުދިންވެސް އެބަތިއްބެވެ. އަދި ކިޔެވުމަށް ކޮށި ކުދިން ތިބިފަދައިން ކިޔެވުމަށް އެއްގޮތަކަށްވެސް މަސައްކަތްނުކުރާ ކުދިންވެސް އެބަތިއްބެވެ. އެހެންނަމަވެސް މިތަފާތުތައް ނައްތާލައި ރަނގަޅުކާމިޔާބީއެއް ޙާސިލުކުރުމަށް ކުރެވެން އޮތްހާ މަސައްކަތެއްކުރުމަށް ޝާނީޒު ނިންމިއެވެ. މިގޮތުން ދަށް ކުދިންނަށް ރިމީޑިއަލް ނެގުމާއި އެކުސްޓްރާކުލާސްތައް ނެގުންފަދަ ތަފާތުކަންތައް ކުރަންފެށިއެވެ. އަދި ދަރިވަރުން ޝައުޤުވެރިވާފަދަގޮތަކަށް ފިލާވަޅު ކުރިއަށް ގެންދެވޭތޯ ދުރާލާ ފިލާވަޅަށް ތައްޔާރުވަމުންވެސް ގެންދެއެވެ. އަދި ޚާއްސަކޮށް ގުރޭޑު 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކިޔެވުމުގެ ޝައުޤުވެރިކަން ދަރިވަރުންގެ ހިތުގައި އުފެދި ގިނަދަރިވަރުންތަކެއް ކިޔެވުމާއިގެން މަސްއޫލުވިއެވެ. އަދި ތަންކޮޅެއް ފީކަޅާކޮށް އުޅޭކުދިންނަށް އެކިފަހަރުމަތިން ނަސޭޙަތްދީގެން އެކުދިންލައްވާވެސް ކޮންމެވެސްވަރަކަށް މަސައްކަތްކުރުވެއެވެ. އަދި ހުއްޓާނުލާ ތަކުރާރުކޮށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކީ ފުރަތަމަ އަހަރުވެސް އޯލެވެލްގައި އިށީންދަރިވަރުން އޭނާގެ މާއްދާއިން ސަތޭކަ ޕަސެންޓް ފާސްވުމެވެ.
އެއްއަހަރުގެ ބުރަމަސައްކަތުން މިހާފޮނިކާމިޔާބީއެއް ލިބުނީތީވެ ޝާނީޒުހުރީ ވަރަށް އުފާވެފައެވެ. ޖެހިގެން އައިއަހަރުވެސް އޭނާ ނުކުތީ ނުގުޑާފަދަ ވަރުގަދަ ޢަޒުމަކާއެކުގައެވެ. އޭނާގެ މަސައްކަތްތައް ރާވާލީ ކުރީއަހަރަށްވުރެ ބުރަކޮށެވެ. ނަމަވެސް މާގިނަދުވަސްތަކެއްނުވެ ހުރިހާމީހުންނަށްވެސް ލިބިގެންދިޔައީ ކުއްލިސިހުމެކެވެ. އެއްރޭ އިރާކޮޅުގެ ވަގުތުގައި ފެނުނީ ޝާނީޒުގެ އަތުގައި ބިޑިއަޅައިގެން ސުކޫލުން ނެރުނުތަނެވެ. އެމަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތުގައިވެސްވަނީ ސުވާލުމާކެކެވެ. އަނެކާގެ މޫނަށް ބަލައިލެވުނީ ހައިރާންކަމާއެކުގައެވެ. ކޮންމެ މީހެއްގެ މޫނުންވެސް ފެންނަނީ ހަމަ އެއްސުވާލެކެވެ. "މިވީ ކީއްހެއްޔެވެ؟" އެއްވެސް މީހަކަށް ވާއެއް ނުވާއެއް ނޭނގެއެވެ. އިސާހިތަކު އެންމެން ތުންގުޅާލައިގެން ދައްކާވާހަކައަކަށް މިވާހަކަ ވެއްޖެއެވެ.
ޖެހިގެން އައި ދުވަހު ރަށުތެރޭގައި ޚަބަރު ފެތުރުނުގޮތުގައި ޝާނީޒު މިހާރު ހުރީ ކޯޓުއަމުރުގެދަށުން 10 ދުވަހަށް ޖަލުގައި ބަންދުކޮށްފައެވެ. އެއީ ސުކޫލު ކުއްޖަކާމެދު ގަދަކަމުން ބަދުއަޚުލާޤީ އަމަލު ހިންގަންއުޅުނުކަމުގެ ތުހުމަތުގައެވެ. މައްސަލަ ރިޕޯޓުކުރިކަމަށް ކިޔާ ފަރާތްތައްވެސް ވަރަށް ގިނައެވެ. އެއްބަޔަކު ބުނާގޮތުންނަމަ ރިޕޯޓުކުރީ ޕްރިންސިޕަލެވެ. އަނެއްބަޔަކު ބުނަނީ ޓީޗަރުންކަމުގައެވެ. ބެލެނިވެރިންގެ ބަޔަކު ރިޕޯޓުކުރިކަމަށް ބަޔަކު ކިޔާއިރު އެއީ ދަރިވަރަކު ކުރިކަމެއްކަމަށް ކިޔާ ބަޔަކުވެސް އުޅެއެވެ. އެއްވެސް ވަރަކަށް މިމައްސަލައިގެ ކޮޅެއް މެދެއް ނުފެނެއެވެ. ކޮންމެމީހަކުވެސް އެމީހަކަށް އަޑުއިވުނުގޮތަކަށް އެވާހަކަ ދައްކަނީއެވެ. އަދި ނޫސްތަކުގެ ފަލަ ސުރުޚީގައިވެސްވަނީ މިހާރު ހަމައެވާހަކައެވެ.
ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ބަޔަކު ރާވައިގެން ދިން ލަނޑެކެވެ. ކުރިން ކިޔަވައިދިން ދަރިވަރުންނާއި މިހާރު ކިޔަވައިދެމުންދާ ދަރިވަރުން ބުނާގޮތުންނަމަ އެއީ އެކުދިންނަށް ޤަބޫލުކުރަން ވަރަށް ދަތިކަމެކެވެ. ދުވަހަކުވެސް އެކަހަލަކަމެއް އެކުދިންނަށް ފެނިފައެއް ނެތެވެ. ނަމަވެސް މައްސަލައާއި ގުޅޭ ސާފު އެއްވެސް މަޢުލޫމާތެއް ނުލިބެއެވެ. މައްސަލައިގައި ޝާނީޒް ބަންދުކުރުމަށްފަހު ދުވަސްތައް ފަސްދީ ދިޔަވަރަކަށް އެވާހަކަތައްވެސް ސައިބޯނި ބޮކިތަކެއްހެން އޮބެމުން ފަނޑުވަމުންދެއެވެ.  
ނަމަވެސް ކަންވަނީ ހީކުރިގޮތަކަށް ނޫނެވެ. ދުވަސްކޮޅަކުން ތުންތުންމަތިން އިވެންފެށީ އެއީ އެއަންހެންކުއްޖާ ހަދައިގެން ދެއްކި ވާހަކައެއްކަމުގައެވެ. އޭނާގެ އެންމެގާތް ރަޙުމަތްތެރިޔާގާތު ބުނިގޮތުންނަމަ އެކަމުގައި އޭނާއަށް ހެދުނުހާ ދޮގެއް ހަދާފައިވާނެއެވެ. ބަޔާންލިޔުނީ ދޮގުވާހަކަތަކުންކަމަށް އަންހެންކުއްޖާ މިވަނީ އޭނާގެ ރަޙުމަތްތެރިޔާގާތު އެއްބަސްވެފައެވެ. ނަމަވެސް މިހާރުވަނީ ވަގުތު ފާއިތުވެފައެވެ.  
ދިހަދުވަހުގެ ކޯޓުއަމުރުގެ މުއްދަތު ހަމަވުމުން ޝާނީޒް ރަށަށް ގެނެއްސިއެވެ. އޭނާ ރަށަށް ގެނައިނަމަވެސް އެއްގޮތަކަށްވެސް މިހާރު ގެއިން ބޭރަށް ނުކުމެއެއްނޫޅެއެވެ. ކިޔަވާހިތްނުވާ ކުއްޖަކުކުރި ތުހުމަތަކަށް އޭނާވަނީ ދިހަދުވަހު ޖަލުގެ ކުޑަގޮޅީގައި ހޭދަކުރަންޖެހިފައެވެ. އަމިއްލަ ނަފުސާއި އަބުރުވަނީ ގެއްލިފައެވެ. މީހާވަނީ މުޅި ރާއްޖެއަށް ބޭޒާރުވެފައެވެ. އަލަކުންވާނެ ފަޟީޙަތެއް މިހާރަކު ނެތެވެ. ވަޒީފާއަށް ނުކުންނާކަށްވެސް ބޭނުމެއް ނުވެއެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ކޯޓަށް މައްސަލަ އައިސް މައްސަލަ ބަލަންފަށައިފިއެވެ. ތަފާތު މަރުޙަލާތަކަށްފަހު ހުކުމް އިއްވިއިރު ޝާނީޒުގެ އެއްވެސް ކުށެއްނެތެވެ. އެހެންނަމަވެސް އެކަން ޤަބޫލުކުރާނީ ކާކުހެއްޔެވެ؟ އޭނާގެ ނަން ވަނީ ނޫހުގެ ފަލަސުރުޚީތަކުން ޖާގަހޯދާފައެވެ.
މައްސަލަ ނިމުމުން އޭނާ އަލުން ސުކޫލަށް ނިކުމޭތޯ އެތައްބަޔަކު އޭނާއާ ސުވާލުކުރިއެވެ. އަދި އޭނާ މިހާރުވަނީ އެކަމުން އެއްކިބާވެފައިކަމަށްވެސް އެމީހުން ބުންޏެވެ. ނަމަވެސް ޝާނީޒު ދިނީ ހަމައެންމެ ޖަވާބެކެވެ. ޝާނީޒު ބުނީ އޭނާއަށް މިވަނީ ނުކުރާކުށެއްގެ އަދަބު ލިބިފައިކަމަށެވެ. ދިހަ ދުވަހު ޖަލުގައި ހޭދަކުރުމަށްވުރެ އޭނާގެ ނަފުސުގެ އަގު މާބޮޑުކަމުގައެވެ. އޭނާ ދެކޭގޮތުގައި އޭނާގެ ޢިއްޒަތް ވެއްޔާ މޮޑެލުން އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު އަދަބެވެ.
މިހާރު ޝާނީޒު ހުންނަނީ އަބަދު މާޔޫސްވެފައެވެ. އަދި އުފަން ރަށްމަތިންވެސް ފޫހިވެފައެވެ. ފޮނި އުއްމީދާއެކު ކުރަމުން އައި މަސައްކަތާވެސް ދުރަށްގޮހެވެ. ދެތިން ދުވަސްފަހުން ފެނުނީ އެނބުރި ދުވަހަކުވެސް ރަށަށް ނާންނަގޮތަށް ރަށްދޫކޮށްފައި ޝާނީޒު ފުރައިގެން ދިޔަތަނެވެ. އޭނާ އެދިޔަތަނެއް އެނގޭ އެއްވެސް މީހަކު ރަށުގައިވެސް ނެތެވެ. (ނިމުނީ) 

No comments:

Post a Comment