މެންދަމުން
އަލިވެ ދޭއް ޖެހީއެވެ. އަދިވެސް އިލްހާމްގެ ލޮލަކަށް ނިންޖެއް ނާދެއެވެ.
އިރުއިރުކޮޅާ ދޮރުން ބޯދިއްކޮށްލައެވެ. އެހެނަސް މިރޭ ބޭރަށް ދާނެހައި ހިތްވަރެއް
އޭނާގެ ގަޔަކު ނެތެވެ. މުޅިމީހާ ތުރުތުރު އަޅަނީއެވެ. ގައިގެ އެތައް މިތަން
ހިރުވަނީއެވެ. ދެތިންފަހަރަކު ހޮޑުވެސް ލެވުނުވެ. އޭނާއަށް މިޙާލު ޖެހުނުގޮތް
ހިތަށްއަރާ ކޮންމެފަހަރަކު ލޮލުން ކަރުނަ އާދެއެވެ.
އިލްހާމަކީ ޝަރީފާއި މުނާއަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. އިލްހާމް ބޮޑުވަމުންދިޔައީ އުފާވެރި، ހިތްހަމަޖެހޭ މާހައުލެއްގައެވެ. މޫނުމަތިން ފެންނަމުންދަނީ ހިނިތުންވުމެވެ. މަޢުސޫމުކަމެވެ. ޅަކެޔޮނިރެއް ހެދޭ ބީދައިން ބޮޑުވަމުންދިޔައީ ލިބެމުންދިޔަ އޯގާތެރިކަމާއި ރަނގަޅު ކާނައިގެ ސަބބުންނެވެ.
އިލްހާމުގެ ވަށައިގެންވަނީ
އޯގާތެރިކަމުގެ އަތްތަކެވެ. މަންމައާއި ބައްޕައެވެ. ކާފައާއި މާމައިންނެވެ.
ބޮޑުދައިތައިންނާއި ބޮޑުބޭބެއިންނެވެ. ދުރުތާ ތިމާގެ މީހުންނާއި ހެޔޮއެދޭ
މީހުންނެވެ. ކައިރި އަވަށްޓެރިންނާއި ގާތް އެކުވެރިންނެވެ. މިއެންމެންގެ ލޯތްބާއި
އަޅާލުން ލިބޭ އެންމެ ބޮޑު ސަބަބަކީ އިލްހާމްގެ މައިންބަފައިންގެ މުއްސަނދިކަމެވެ.
އުފަލާއި
އަރާމުގައި ބޮޑުވަމުންދިޔަ އިލްހާމުގެ ހަޔާތަށް ހިތާމަވެރިކަމުގެ ހިޔަނިވެސް
ނާޅާކަހަލައެވެ. އެހެނަސް ތަޤްދީރާއި ދެކޮޅު ހެދޭނީ ކާކަށްތޯއެވެ. ކުއްލިއަކަށް
މަންމަ މާބޮޑށް ބަލިވެއްޖެއެވެ. މަންމަގެ ބައްޔަށް ޝިފާއެއް ލިބޭތޯ އޮއްސަމުންދިޔަ
ފައިސާއިން ވީއެއްވެސް ކަމެއް ނެތެވެ. މިއަނިޔާވެރި ދުނިޔެއަށް އިލްހާމް
އެކަނިކޮށްފައި މިފަނާވަނިވި ދުނިޔެއާއި މަންމަ އަލްވަދާޢު ކިޔައިފިއެވެ. އެދުވަހު
ގިސްލަގިސްލާފައި އިލްހާމް ރުޔެވެ. އެހެނަސް އެމަންޒަރުދެކޭކަށް މިއަދަކު
މަންމައެއް ނެތެވެ.
އިލްހާމްގެ
ހިތާމަ މަޑުމަޑުން ފިލަމުންގޮސް މިހާރު ހަމައަކަށް އެޅިއްޖެއެވެ. މަޑުމަޑުން
ކިޔެވުމާއިގެން ކުރިއަށްދާންފަށައިފިއެވެ. އިލްހާމް ކިޔައިވައިގެން
މޮޅުޑަކްޓަރަކަށްވުމަކީ މަންމަގެ އެންމެ ބޮޑު އުއްމީދުކަން އިލްހާމުގެ ހިތުން
އެންމެފަހަރަކުވެސް ފިލުވައެއް ނުލައެވެ. އަޅާ ކޮންމެފިޔަވަޅެއް އަޅަނީވެސް
މަންމަގެ އުއްމީދު ފުރިހަމަކޮށްދިނުމުގެ މަޤްޞަދުގައެވެ.
އިލްހާމްގެ
ފަނަރަވަނަ އުފަންދުވަހުގެ ހަދިޔާއަކަށް ބައްޕަ ގެނެސްދިނީ އާ މަންމައެކެވެ.
މަންމައެއް ލިބުމުން އިލްހާމްވެސް އުފާވިއެވެ. އެއީ މަންމައެއްގެ ލޯތްބާއި
އޯގާތެރިކަން ބޭނުންވާލެއް ބޮޑުކަމުންނެވެ. ބައްޕަގެ އެހީތެރިކަމަށްވުރެ ބޮޑަށް
މަންމައެއްގެ އެހީތެރިކަން ބޭނުންވާތީއެވެ.
ދޮންމަންމައިންނާއި
ބެހޭގޮތުން އިލްހާމަށް ވަނީ ތަފާތު އަޑުތައް އިވި ތަފާތު މަންޒަރުތައްވެސް
ފެނިފައެވެ. ނަމަވެސް އިލްހާމްގެ ދޮންމަންމަ ވަރަށް ތަފާތެވެ. މަންމަހާ ހެވެ.
އުފަންދަރިއެއްހެން ކޮންމެ ދުވަހަކު މޮޅުކުއްޖަކަށްވުމަށް ކެނޑިނޭޅި
ނަސޭޙަތްދެމުން ގެންދެއެވެ. އިލްހާމަށް ކަމަކަށް ބޭނުންވޭތޯ ތާއަބަދު
ބަލަބަލާހުރެއެވެ. ބޭނުންވާ ކޮންމެކަމެއް ކޮށްދެނީ އުފަލުންނެވެ.
ހިތުންރުހުމުންނެވެ.
އިލްހާމުގެ
ހަޔާތަށް އަނދިރިކަމުގެ ހިޔަނި އެޅުނީ ބައްޕައަށް ލިބުނު ދެއަހަރުދުވަހުގެ
ކޯހެއްގައި މެލޭޝިޔާއަށް ދާން ފުރުމުންނެވެ. މަޑުމަޑުން ދޮންމަންމަ ބަދަލުވާން
ފަށައިފިއެވެ. އަމިއްލައަށް ކަންތައްތައް ކުރަންޖެހިއްޖެއެވެ. ނުރުހުމުގެ ބަސްތައް
އަޑުއިވެން ފަށައިފިއެވެ. ކަމުދާގޮތަކަށް ގޭތެރޭގައި ފިޔަވަޅެއް އަޅަން ނޭނގޭ
ހިސާބަށް ކަންތައް ހިނގައްޖެއެވެ.
ދުވަހަކުވެސް
ނަފްރަތާއި ރުޅިވެރިކަން ދެކެފައިނުވާ އިލްހާމަށް ގޭތެރޭގައި ކެތްކޮށްލުމަކީ
ދަތިކަމަކަށް ވެއްޖެއެވެ. ކިޔެވުމަށާއި ނަމާދަށްދާން ނޫންގޮތަކަށް ގެއިން ނުކުމެ
ނުއުޅޭ އިލްހާމް މަދުމަދުން ބޭރަށް ނުކުންނަން ފަށައިފިއެވެ. އާ އެކުވެރިން ލިބެން
ފަށައިފިއެވެ. އެ އެކުވެރިން ދޮންމަންމައަށްވުރެ މާ ރަނގަޅެވެ. އެހެންކަމުން
އެއެކުވެރިންނާއެކު ގިނަވަގުތު ހޭދަކުރަން ފަށައިފިއެވެ. ކިޔެވުމާއި
ދުރުހެލިވެވިއްޖެއެވެ. މިހާރު އެއްގޮތަކަށްވެސް ސުކޫލަކަށް ނުދެއެވެ. ގެއަށް
ވަންނަނީ ނަމަކަށެވެ.
ފުރަތަމަ
ދުވަހު ސިގެރޭޓް ދަމާލުމުން ކޮށިއެރިނަމަވެސް މިހާރު ސިގިރޭޓާއި ނުލާ އުޅުމަކީ
އިލްހާމަށް ދަތިކަމަކަށް ވެއްޖެއެވެ. މަސްތުވާތަކެތި ބޭނުންކުރަން ފެށީވެސް
ރައްޓެހިންގެ އެދުމުގެ މަތިންނެވެ. އެމީހުންނަކީ އެންމެ ގާތް
އެކުވެރިންނަށްވާތީއެވެ. އެންމެ ހެޔޮއެދޭ މީހުންނަށް ވާތީއެވެ. މިހާރު އިލްހާމަކީ
މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އެއާނުލާ އުޅުމަކީ މިހާރު
ދަތިކަމެކެވެ. އެހޯދުމަށް ނުކުރާނެކަމެއްވެސް ނެތެވެ.
ބައްޕަ ކޯސް
ނިންމާފައި މާލެއައިއިރު އޮތީ ވާނެއެއްޗެއްވެ ނިމިފައެވެ. އަލުން އަބުރާ ނުގެނެވޭ
ވަރަށް އިލްހާމްގެ ޙާލުވަނީ ގޯސްވެފައެވެ. އިލްހާމްގެ ޙާލުފެނިފައި ބައްޕަ ގިސްލާ
ރުޔެވެ. ލޮލުންކަރުނައެޅިއެވެ. ދޮންމަންމަ އޮޅުވާލުމުގެ ސަބަބުން ދޮންމަންމަ
ދުކޮށްލިއެވެ.
އިލްހާމް
މުޖުތަމަޢަށް ފައިދާހުރި ދަރިޔަކަށް ހެދުމަށްޓަކައި ބައްޕަ އަތުކުރި އޮޅާލިއެވެ.
ރޭދުވާ އެއްކޮށްލައިގެން މަސައްކަތްކުރަމުން ދިޔައެވެ. ރަނގަޅާއި ނުބައި
ވިސްނައިދޭން މަސައްކަތް ކުރިއެވެ. މަންމަގެ އުއްމީދު ހަނދާންކޮށްދިނެވެ. ކެޑިނޭޅި
ބައްޕަ ކުރަމުންދިޔަ މަސައްކަތަށް ކޮންމެވެސް ކަހަލަ އުއްމީދެއް
ލިބެންފަށައިފިއެވެ. އެހެންނަމަވެސް މިރޭވެސް އޭނާވިސްނަމުން އެދަނީ ރައްޓެހިންގެ
ގާތަށް ދާނެގޮތަކާއި މެދުގައެވެ.
ކުއްލިއަކަށް
ސިއްސައިގެންގޮސް ބަލައިލެވުނީ އޯގާތެރިކަމާއެކު ކޮޑުގައި މީހަކު
އަތްބާއްވާލުމުންނެވެ. ބަލައިލިއިރު ކައިރީގައި ހުރީ ބައްޕައެވެ. ދެލޮލުން ކަރުނަ
އައިސްފައެވެ. އެމްނަޒަރު ފެނުމުން އިލްހާމްގެ ހިތަށްވެސް ކޮންމެވެސް އަސަރެއް
ކުރިކަހަލައެވެ. ބައްޕަގެ ކޮޑުގައި ބޯއަޅާލާފައި ރޯންފެށިއެވެ. އަދި ބައްޕައާއި
މަންމަގެ އުއްމީދުތައް ފުރިހަމަކޮށްދިނުމަށް ގަދަހިތްވަރާއިއެކު
މަސައްކަތްކުރާނެކަމަށް ވަޢުދުވިއެވެ.
މަސްތުވާތަކެއްޗާ
ނުލާ ދިރިއުޅުމަކީ މިއަދު ކިތަންމެ ދަތިކަމަކަށްވިޔަސް އިލްހާމުގެ ޢަޒުމަކީ އެއާއި
ދުރުހެލިވުމެވެ. ކުރީގެ ދިރުއުޅުމަށް އަނބުރާ ރުޖޫޢަވުމެވެ. މައިންބަފައިންގެ
އުއްމީދުތައް ޙާޞިލުކޮށްދީ ބާއްޖަވެރި ޙަޔާތެއް ހޭދަކުރުމެވެ. ކުރީގެ މާޒީ ހަނދާން
ނައްތާލާ އަލުން އާ ދުނިޔެއަކަށް ނޭވާލުމެވެ.
އާ ޙަޔާތެއް ވޭތުކުރުމެވެ. އާ މަންޒިލަކަށް ދަތުރުކުރުމެވެ.
އިލްހާމުގެ
އެދުމުގެ މަތިން ބައްޕަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން ރިހިބެލް
ސެންޓަރުން ޖާގަ ހޯދީ އާ އުއްމީދުތަކަކާ އެކުގައެވެ. މުޖުތަމަޢަށް ފައިދާ ކުރަނިވި
ދަރިއެއް މިދުނިޔެއަށް ދޫކުރުމުގެ ފޮނި މަޤްޞަދުގައެވެ. މިއަދު އިލްހާމަކީ ރަނގަޅު
ދަރިއަކަށް ހެދުމަށް ބައްޕަ އެހުރީ އަތުކުރި އޮޅާލައިގެންނެވެ.
އިލްހާމް
ރިހިބެލް ސެންޓަރަށް ދިޔުމަށްޓަކައި ގެއިން ނުކުތީ ލޮލުން ކަރުނައަޅަމުންނެވެ.
ދޮރާށިން ނުކުތުމުގެ ކުރިން ބައްޕަ ގައިގައި އޮޅުލައިގެންފައި އަޑުންއަޑުނަގާ
ރުޔެވެ. އިލްހާމަށް ވިސްނައިދީ ހަމައަކަށް އެޅުވުނީ ލައްކަ މަސައްކަތުންނެވެ.
އަތުލަފިކޮށްގެން ކަހަލަގޮތަކަށް ގެންގޮސް ޖިޕަށް އަރުވާ ވަދާޢުގެ
ސަލާމްކުރުމަށްފަހު ބައްޕަ ގެއަށްވަނީ ފެންކަޅިވެފައިވާ ލޮލަކައިގެންނެވެ.
ސެންޓަރުން
ފަރުވާ ލިބިގަންނަމުން ދިޔައިރު އިލްހާމްވީ އެހެންކުދިންނާއި ވަރަށް ތަފާތު
ކުއްޖަކަށެވެ. އަންގާ އެންގުންތަކަށް ބަރާބަރަށް ޢަމަލުކުރާ ކުއްޖަކަށެވެ.
އަވަހަށް ސެންޓަރުން ސަލާމަތްވެގެން ބައްޕަ ކައިރިއަށް ދިޔުމަކީ އިލްހާމްގެ އެންމެ
ބޮޑު މަޤްޞަދެވެ. އެންމެ ބޮޑު އެއް އުއްމީދެވެ. މިޢަޒުމުގައި އިލްހާމް މަސައްކަތް
ކުރަމުންދިޔައީ ކެތްތެރިކާމާއެކުއެވެ. ތެދުވެރި ހިތަކައިގެންނެނެވެ.
ހެޔޮނިޔަތުގައެވެ.
މަރުކަޒުން
ނުކުން އެންމެ ރަނގަޅު ކުއްޖާގެ ގޮތުގައި އިލްހާމް މަރުކަޒުގެ ދޮރާށިން ނުކުތީ ހަ
މަސްދުވަސް ހަތަރު މަސްދުވަހުން ނިންމާލާފައެވެ. މާލެ އައިސް ފޭބިއިރު މަރުޙަބާ
ކިޔުމަށްޓަކައި ބައްޕަ އައިސް ހުއްޓެވެ. ދެބަފައިން ބައްދަލުވީ ވަގުތު
ބޭއިޚްތިޔާރުގައި ދެބަފައިންނަށް އޮޅުލައިގަނެވުނެވެ. ދެބަފައިންގެ ލޮލުންވެސް
ވަނީ ކަރުނަ ފާއްދާލާފައެވެ. އެހެނަސް މިއީ އުފާވެރިކަމުގެ ކަރުނައެވެ. ދަރިފުޅަށް
އާޙަޔާތެއް ލިބުނީތީ އެކަމުގެ އުފަލުގައި އައިސްފައިވާ ކަރުނައެކެވެ.
އިލްހާމް މާލެ
އައިސް ހފްތާއެއްގެ ތެރޭގައި ތަޢުލީމު ޙާޞިލުކުރުމަށްޓަކައި މެލޭޝިޔާއަށް ދިޔުމުގެ
ފުރުސަތު ބައްޕަ ހޯދައިދީފިއެވެ. ދެތިން ދުވަހުގެތެރޭގައި ޕާސްޕޯޓް ހައްދައި
ވިސާގެ ކަންތައް ހަމަޖައްސައިފިއެވެ. ދަތުރަށް ހަދަން ހުރި ތައްޔާރިއެއްވިއްޔާ
ކޮށް ނިންމާލައިފިއެވެ. މެލޭޝިޔާއަށް ދިޔުމަށް ހަމަޖެހިފައިވަނީ ބައްޕައާއި
އެއްކޮށެވެ.
ދެބަފައިން
ދަތުރު އެރެހެއްޓުމަށްޓަކައި ޢާއިލާގެ ބައެއް މެންބަރުންވެސް ހުޅުލެއަށްދިޔައެވެ.
ފެރީޓާމިނަލުން ބޭރުގައި ކުޑަވަގުތުކޮޅެއް މަޑުކޮށްލުމަށްފަހު ދަތުރު
އެރެހެއްޓުމަށް އައިސްތިބި މީހުންނާއި ސަލާންގަލާން ކުރުމަށްފަހު ޓާމިނަލްތެރެއަށް
ދެބަފައިންވަނީ ފޮނި އުއްމީދުތަކެއް ކުރަމުންނެވެ.
ދެބަފައިން
ބޯޓަށް އަރާ ޝީޓްގައި ރަނގަޅަށް ހަމަޖެހިލުމަށްފަހު އިލްހާމް ކުޑަދޮރުން
ބޭރުބަލައިލީ ފެންކަޅިވެފައިވާ ލޮލަކުންނެވެ. އުފަން ޤައުމާއި އަމިއްލަ ފަސްގަނޑު
ދޫކޮށް އެތައް މޭލެއްގެ ދުރަށް ދަތުރު އެކުރަނީ މަންމަގެ އުއްމީދުތައް
ޙަޤީޤަތަކަށް ހަދައިދޭށެވެ. މޮޅު ޑަކްޓަރަކަށް ވުމުގެ ފޮނި އުއްމީދުގައެވެ. ބޯޓުގެ
ކުރޫ ޝީޓްބެލްޓް އަޅަން އެންގުމުން ޝީޓްބެލްޓް އަޅާ ދަތުރުވެރިންނަށް ދޭ
އިރުޝާދުތައް ކަނުލާ އަޑުއަހަން ފަށައިފިއެވެ.
ނިޔާމަ
ދަތުރަކަށްފަހު މެލޭޝިޔާއަށް ދެވިއްޖެއެވެ. އެންމެފުރަތަމަކަށް ކުރީ ސުކޫލަކަށް
ވަނުމުގެ ކަންތަކެވެ. އެއަށްފަހު ބައެއް ތަންތަން ބަލައިލިއެވެ. ކިޔެވުން ފެށި
އިލްހާމް ހަމައަކަށް އެޅުމުން ބައްޕަ ރާއްޖެ އަތުވެއްޖެއެވެ. އިލްހާމްގެ
މަސައްކަތަކީ ކިޔެވުމެވެ. ރޭދުވާ އެއްކޮށްލާއިގެން ކުރިމަސައްކަތުގެ ނަތީޖާއަކީ
ތިން އަހަރުދުވަހުން އެއްވަނަ ދަރަޖައިގެ އޭލެވެލް ފާސްހޯދުމެވެ.
އިލްހާމް
ދެންގުޅުނީ މެޑިކަލް ކޮލެޖާއެވެ. ގަދަ ހިތްވަރާއި އެކު ކިޔެވުމުގެ މަސައްކަތް
ކުރިއަށް ގެންދެއެވެ. ކޮންމެ ސެމިސްޓަރއަކު ރަނގަޅު ނަތީޖާ ހޯދަމުން ގެންދެއެވެ. ސެމިސްޓަރއަކަށްފަހު
ސެމިސްޓަރއެއް ނިންމަމުންގޮސް ފަސްއަހަރު ދުވަހުގެ ކޯސް ނިންމާލީ އުފަން ޤައުމު
ފަޚުރުވެރިވުން ޙައްޤު ނަތީޖާ އަކައިގެންނެވެ. މުޅި ކޯހުން އެއްވަނަ
ހޯދައިގެންނެވެ. މިހާރު އިލްހާމަކީ މޮޅު ނާރުގެ ޑަކްޓަރެކެވެ.
ހޯދި މޮޅު
ކާމިޔާބީއައިގެން އުފަން ޤައުމްށް އެނބުރި އައިއިރު މާލޭ ވައިގެ ބަނދަރުން
އިލްހާމަށް ރަތް ދޫލައިގެ މަރުޙަބާއެއް ކިޔެވެ. ދެބަފައިން ޓާމިނަލް ތެރެއަށް
ވަދެގެން ދިޔައީ ހިނިތުންވެފައި ތިބެގެންނެވެ. އިލްހާމަށް މަރުޙަބާ ކިޔުމަށްޓަކައި
ހެލްތު މިނިސްޓަރާއި ދައުލަތުގެ ބައެއް ޢިއްޒަތްތެރިން ވަޑައިގެން ތިއްބެވިއެވެ.
އެބޭފުޅުން އިލްހާމްގެ ހިތްވަރަށް ސާބަސްދީ ތަޢުރީފު ކުރިއެވެ. އަދި އިލްހާމް
އެސާބިތުކޮށްދިނީ މީހާ ކިތައްމެ ގޯސް ޢަމަލެއް ކުރެވުނު ކަމުގައިވިޔަސް މުޖަތަމަޢު
ބަލައިގަންނަ މީހަކަށް ވެވިދާނެކެމެވެ.
އިލްހާމު
މިހާރު މަސައްކަތް ކުރަމުންދަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.
އޭނާއަކީ ގިނަބައެއްގެ ރުހުން ލިބިފައިވާ މަޤްބޫލު ޑޮކްޓަރެކެވެ. މީހުން
ބަލައިގަންނަ ހިތްތިރި، ހިތްހެޔޮ ޑޮކްޓަރެކެވެ. މިއަދު އިލްހާމް މަސައްކަތް
ކުރަމުންދަނީ ހިތްހަމަޖެހުމާއި އެކުގައެވެ. މަންމަގެ އުއްމީދުތައް ފުރިހަމަ
ކޮށްދެވުނީތީއެވެ. ބައްޕަގެ މިންނަތް މަސައްކަތް ޙާޞިލް ކޮށްދެވުނީތީއެވެ.
މިރެއަކީ
އިލްހާމްގެ ޙަޔާތުގައި އައި އެންމެ އުފާވެރި އެއްރެއެވެ. މާލޭގެ ޤަދަރުވެރި
ޢާއިލާއެއްގެ ކުއްޖަކާއި ޒަވާޖީ ޙަޔާތެއް ފެށި ރެއެވެ. މިރެއަށް ޓަކައި ދެފަރާތުގެ
ޢާއިލާގެ ފަރާތުން ވަނީ ކުލަގަދަ ޙަފުލާއެއް ބާއްވައިދީފައެވެ. ޙަފުލާއަށް
ޒިޔާރަތްކުރި ކޮންމެ މެހްމާނެއްވެސް އިލްހާމްގެ ހިތްވަރަށް ސާބަސްދީ މަރުޙަބާ
ކިޔަމުންދެއެވެ.
ޙަފްލާގެ
ކަންތަކުން އަވަދިވެގެން އިލްހާމްގެ ކުޑަކުޑަ ޢާއިލާ ގެއަށް ދިޔައީ އުފަލުން
ތިބެއެވެ. އާ ކައިވެނީގެ ދެޢަރޫޝުން އެމީހުންނަށް ތައްޔާރު ކުރެވިފައިވާ
ކޮޓަރިއަށް ވަނީ އާކައިވެނީގެ އުފާ ލިބިގަތުމަށެވެ. ( ނިމުނީ )

No comments:
Post a Comment