Thursday, April 24, 2014

ދިވެހިރާއްޖޭގެ ތާރީޚު

ޢަލިރަސްގެފާނުގެ އިސްތަށިފުޅުގައި ޖަހާފައިވާ މާހަނަ ގައު
ޢަލިރަސްގެފާނުގެ އިސްތަށިފުޅުގައި ޖަހާފައިވާ މާހަނަ ގައު 

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ރާއްޖޭގެ ލިޔެވިފައިވާ ތާރީޚު ފެންނަން އޮތީ މީލާދީން 12 ވަން ޤަރުނުން ފެށިގެންނެވެ. އޭގެފަހުގެ ތާރީޚުވެސް މާފުރިހަމަކޮށް ލިޔެވިފައިވާކަމށް ބުނެވޭކަށް ނެތެވެ. މީލާދީން 18 ވަނަ ޤަރުނުގެ ކުރީކޮޅުގައި ޙަސަން ތާޖުއްދީން ލިޔުއްވަން ފެށްޓެވި ތަޜީޚުގައި، ހޯއްދަވައި ލިޔުއްވާފައިވާ


މަޢުލޫމާތަށްޓަކައި އެމަނިކުފާނަށް އަޅުގަނޑުމެން މަތިވެރި ދަރަޖައަކަށް ޝުކުރުވެރިވަމެވެ. ނަމަވެސް އެދުވަސްވަރުގެ ޙާލަތު ނިޔާކުރިގޮތުން އެތާރީޚުގެ ވަރަށް ގިނަ މަޢުލޫމާތުތަކެއް މަދުވިއެވެ. ރާއްޖޭގައި ރަސްކަންކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތައް ލިޔެފައިވާ ރާދަވަޅިތަކުގައިވާ މަޢުލޫމާތުގައިވެސް ވަރަށް ގިނަ ކުށްތައް ހުރިކަން ފާހަގަކުރެވެއެވެ.

ތާޖުއްދީނު ލިޔުއްވި ތާރިޚަކީ އޮނިގަނޑުކަމަށް ބަލައިގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ބައެއް ދަތުރުވެރިންނާއި ބައެއް މުއައްރިޚުންގެ ލިޔުއްވުމަށްވެސް ބަލައިގެން ތާޖުއްދީނުގެ ތާރީޚުގައި އުނިވެފައިހުރި ބައެއް ތަންތަން ފުރާލުމުން މަޢުލޫމާތު ފުޅާކޮށްލެވެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚަކީ ފުރިހަމައަށް ލިޔެވިފައިވާ އެއްޗެކޭ ބުނެވޭ ހިސާބަކަށް އަދި އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވެއެވެ. ތާރީޚުން އުނިވެފައިވާ ބައިތައް ފުރިހަމަކުރުމުގެ މަސައްކަތުގައި ދިވެހިރާއްޖޭގައި ފެންނަން ހުރި އާސާރީ ތަންތަނާއި ތަކެތީން ހޯދޭ މަޢުލޫމާތު އަދާކުރާ ވަރަށް މުހިންމު ރޯލެއް އެބައޮތެވެ. މީގެ މިސާލެއް ދަންނަވާލާނަމެވެ. އިސްލާމްވުމުގެކުރީގައި  ދިވެހިރާއްޖޭގައި އޮތް ދީނަކާ މެދު އިތުރު ތަފްސީލުތަކެއް ލިޔެފައިވާ އެއްވެސް ލިޔުމެއް، ކުރީގެ ލިޔުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިފައެއް ނެތެވެ.
     
 ރަންނަމާރީގެ ވާހަކައިގައި ބުދުކޯލެއްގެ ވާހަކަ އޮވެއެވެ. ނަމަވެސް އެއީ ކޮންދީނެއްގެ ބުދުކޯލެއް ކަމެއް އޮޅުމެއް ނުފިލިއެވެ. ދިވެހިރާއްޖޭގައި އެޒަމަނުގައި އޮތީ ބުޑިސްޓްދީންކަން ޔަޤީންކުރެއްވުނީ ، އެދީނުގެ އާސާރުތައް ރާއްޖޭގެ ރަށްރަށުގައި ހުރިކަން އެނގުމުންނެވެ. އާދެ! އެއީ މީލާދީން 1920 ގެ އަހަރުތަކުގެ ކުރީކޮޅުގައި މިސްޓަރ  އެޗްސީޕީބެލް  ރާއްޖެއަށް ވަޑައިގެން މިފަދަ ބައެއް ތަންތަން ކޮންނަވައި، ކުރެއްވި ދިރާސާކުރެވުމުން، އިހުގައި ޔަޤީންކަމެއް ނެތި ދެކެވެމުން އައި ވާހަކަތަކަށް ޙަޤީޤަތުގެ ކުލަވަރު އައެވެ. އާދެ! އެއީ، ހޯދަމުން އައި ޤަދީމީ ތަރިކައިގެ ސަބަބުންނެވެ. 

ތުންތުންމަތިން ވާރުތަވަމުން އައިސްފައިވާ ވާހަކަތަކުން ބައެއް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެވާހަކައިގައި ބަޔާންކުރާ ހާދިސާއަކީ ހިނގާފައިވާ ކަމެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނީ އެކަމެއްގެ ހެކި ލިބިގެންނެވެ.މާޒީގެ ދުވަސްވަރެއްގައި ކަމެއް ހިނގާފައިވާ ކަމުގެ ހެކިތައް ހޯދުމަށް ފަހަކަށް އައިސް ބޭނުންކުރާ ވަޞީލަތްތަކުގެތެރޭގައި ތަރިކައިގެ ދާއިރާތައް ހިމެނެއެވެ. މިދާއިރާތަކުގެ ތެރޭގައި އާކިއލޮޖީން ހޯދާ މަޢުލޫމާތާއި ބަހުގެ ޢިލްމުން ހޯދޭ ތާރީޚީ މަޢުލޫމާތާއި އަދި ތާރީޚާ ތިމާވެށްޓާއި ދެމެދުގައި ހުރި ގުޅުންތަކުން އެނގޭ އެނގުންތައް ހިމެނެއެވެ.


ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކިޔަމުން އައިސްފައިވާ ބައެއް ތާރީޚީ ވާހަކައިގެ ހެކިތައް މިފަދަ ވަޞީލަތުން ސާބިތުވެފައި އެބަހުއްޓެވެ. މިސާލަކަށް ބަލާއިރު، ބަލާއިރު، ބޮޑުތަކުރުފަނުގެ  ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވީ އަހަރު (1572މ.)  އަޅުގަނޑުމެންނަށް އޮޅުންފިލީ ދާދި ފަހުންނެވެ. ފުނަދޫގައި ހުރި އެތަކުރުފާނުގެ އިސްތަށިފުލުގެ މަހާނަ ގަލުގައިވާ ލިޔުމުންނެވެ. ދިވެހިރާއްޖޭގެ ރަށްރަށުގައި ހުންނަ މިސްކިތްތަކުގެ ގަބުރުސްތާނުގައިވާ މަހަނަގާތަކަކިވެސް މައުލޫމާތު ހޮދުމަށް ބޭނުންކުރެވޭ ވަޞީލަތެކެވެ. ވަރަށްގިނަ މަހަނަގަލުގައި އެތަނެއްގައި ވަޅުލެވިފައިވާ މީހެއްގެ މަޢުލޫމާތުގެ މުހިންމު ބައެއް ލިޔެފައިވެއެވެ. އެމީހެއްގެ ނަމާއި ނިޔާވި ތާރީޚާއި އަދި ގިނަފަހަރު ބައްޕަގެ ނަމާއި މަޤާމުވެސް ހިމަނަފައި ވެއެވެ. ވުމާއެކު މިއީ ތާރީޚިގޮތުން ވަރަށް މުހިންމުކަންދެވޭ ތަރިކައެވެ.  

                                    = ނަސީމާ މުޙައްމަދުކަލޭފާނުގެ ލިޔުމަކުން ނަގާފައި =

No comments:

Post a Comment